Learn how the World Bank Group is helping countries with COVID-19 (coronavirus). Find Out

ނޫސްބަޔާން June 14, 2020

ކޮވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމުގައި އިއާދަކުރަނިވި ހަކަތަ އަށް ކުރެވޭ އިންވެސްޓްމަންޓް އެހީތެރިވެދޭނެ

މާލެ، ދިވެހިރާއްޖެ، ޖޫން 15، 2020 – އިއާދަކުރަނިވި ހަކަތަ ތަރައްޤީކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ، ކޮވިޑް-19 އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ލިބޭނެ އިތުރު ބާރެއް ކަމަށް، މިއަދު ނެރުނު "ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓްގައި ބުނެފި އެވެ.

ދިވެހިރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ މައިގަނޑު ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި 13 އިންސައްތަ އާއި 17.5 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުންދާ ވަރަކަށް، 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދު 7.9 އިންސައްތަ އާއި 8.5 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ.

މި ކާރިޡާގެ ސަބަބުން އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް، ސަރުކާރުން ވަނީ އިޤްތިޞާދީ އަދި މާލީ ގޮތުން ފިޔަވަޅުތަކެއް އަޅާފަ އެވެ. ރިލީފް ޕެކޭޖެއްގެ ދަށުން، ވިޔަފާރިތަކުން އަނބުރާ އަދާކުރަންޖެހޭ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމާއިއެކު، ހަރަދުތައް ފޫބެއްދުމަށްޓަކައި އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަމަ އެއާއިއެކު، އާއްމު ފަރުދުންނަށް އިންކަމް ސަޕޯޓް އެލަވެންސް ލިބޭއިރު، ގޭގޭގެ ކަރަންޓް އަދި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފަ އެވެ. ބޮޑެތި ކެޕިޓަލް އަދި ރިކަރަންޓް ޚަރަދުތަކެއް ކުޑަކުރި ކަމުގައިވީ ނަމަވެސް، މި ކާރިޡާގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާ ގުޅިގެން، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިޞްބަތުން 14.5 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

"ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ވަނީ ވަރަށް ބާރަށް ކުރިއަރާފައި. އެހެން ނަމަވެސް، ކޮވިޑް-19 ގެ ގޮންޖެހުންތަކާއިއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިޞްރާބު މުޅިން ބަދަލުވެ، ދިވެހިންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ. "އިއާދަކުރަނިވި ހަކަތަ އަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. އެގޮތުން، ފުރުޞަތުތައް ހުޅުވިގެން ދިއުމާއިއެކު، އިޤްތިޞާދު އަވަހަށް ކޮޅަށް ޖެހި، ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ."

މި ރިޕޯޓްގައި، ދިވެހިރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްސަ ބާބެއް ވެސް ހިމެނެ އެވެ. 2008 ވަނަ އަހަރުން ފެށިގެން، ހުރިހާ ދިވެހިންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުންދިޔަ ކަމުގައިވީ ނަމަވެސް، އެތެރެކުރެވޭ ޑީސަލް އާއި ކޮންމެ ރަށެއްގައި ވަކިވަކިން ޤާއިމްކުރެވިފައިވާ ކަރަންޓްގެ ވިއުގަތަކުގެ ސަބަބުން ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގަ އެވެ. ދައުލަތުގެ މާލިއްޔަތަށް ބުރައަކަށްވާ ގޮތަށް ސަބްސިޑީ ދެމުން ދިޔައަސް، މި ސަރަޙައްދުގައި ކަރަންޓްގެ އަގު އެންމެ ބޮޑު އެއް ޤައުމަކީ ދިވެހިރާއްޖެ އެވެ. އެއީ އާއްމުންނަށް އުފުލަންޖެހޭ އިތުރު ބުރައެކެވެ.

މި ދަތިތައް ހައްލުކުރުމަށްޓަކައި ރިޕޯޓްގައި ހުށަހަޅާފައި ވަނީ، އިއާދަކުރަނިވި ހަކަތަ އަށް އަމިއްލަ ފަރާތްތަކުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް މަގުފަހިކޮށްދިނުމެވެ. އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ފުރަތަމަ ކުރަންޖެހޭ ޚަރަދު ބޮޑު ކަމުގައިވިޔަސް، އޭގެ ސަބަބުން ކަރަންޓްގެ އަގުހެޔޮވެ، ތެޔޮ އެތެރެކުރުމަށާއި ސަބްސިޑީ ދިނުމަށް ކުރެވޭ ޚަރަދު ކުޑަވެ، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުވެ އަދި ވަޒީފާގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ އެވެ.

"ދުނިޔޭގައި ހިނގާ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ މިންވަރު ވީހާވެސް އަވަހަކަށް އިތުރުކުރުމުގެ މުހިންމުކަން ކޮވިޑް-19 ގެ ކާރިޡާ އިން އެނގިގެން ހިނގައްޖެ. އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް މި ކާރިޡާގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް މިއީ އަދިވެސް ވަރަށް މުހިއްމު ލަނޑުދަނޑިއެއް،" ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފްލޯރިއަން ބްލަމް އަދި ޕުއި ޝެން ޔޫންގް ވިދާޅުވި އެވެ.

"މިފަދަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގައި އާއްމު ފަރާތްތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް ބޭނުންވާނެ. އުފެއްދޭ ކަރަންޓް ގަތުމުގެ އެއްބަސްވުންތަކާއި ނެޓް މީޓަރިން އަދި ނިޒާމްތައް އެކަށައެޅުން މިހާރަށް ވުރެ ހަރުދަނާކޮށްގެން އެ ކަންކަމަށް މަގުފަހިކޮށްދެވޭނެ،" ރިޕޯޓްގެ ހާއްސަ ސެކްޝަން ލިޔުއްވި ވާލްޑް ބޭންކްގެ ސީނިއަ އެނާޖީ ސްޕެޝަލިސްޓް ޖޫންކްޔަންގް ސީއޮންގް ވިދާޅުވި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްޤީ


ގުޅުއްވުމަށް

މާލޭގައި
ޝާދިޔާ އާދަމް
+960 9955580
sadam1@worldbank.org
ކޮލަމްބޯގައި
Dilinika Peiris
+94 (011) 5561347
dpeiris@worldbank.org
ވޮޝިންޓަންގައި
+1 (202) 473-9277
ekaraban@worldbank.org