ނޫސްބަޔާން 2021 Oct 6

ކަށަވަރު ނުވާ ކަންތައްތަކެއް ހުރި ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވާ ދުވެލި ރަނގަޅުވެއްޖެ

ހުނަރު ތަރައްގީކުރަން އިންވެސްޓުކުރުމުން، ހިދުމަތްތަކަށް ބިނާވެފައިވާ އިގްތިސާދީ ކުރިއެރުމަކަށް ފުރުސަތު އޮންނާނެ

މާލެ، އޮކްޓޯބަރު 7، 2021 – ފަތުރުވެރިކަން ކުރިއަރައި، މިފަހުން ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ އިތުރު ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވަމުން އެބަދެ އެވެ. ނަމަވެސް، އިގްތިސާދު އަނބުރާ އިއާދަވުން ނާޒުކު ފައްތަރެއްގައި ހުރިއިރު އަދި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާއިރު، އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދު ވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވާސިލްވުމަށް އަދި ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ބުނެފި އެވެ.

އެންމެ ފަހުން ނެރުނު، 'ޝިފްޓިން ގިއާޒް: ޑިޖިޓައިޒޭޝަން އެންޑް ސާވިސަސް-ލެޑް ޑިވެލޮޕްމަންޓް'ގެ ނަން ދީފައިވާ ދެކުނު އޭޝިއާގެ އިގްތިސާދީ ރިޕޯޓުގައިވާ ގޮތުން، މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 22.3 އިންސައްތައިގައި އަދި އަންނަ 2022 ވަނަ އަހަރު 11 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. މި ލަފާކުރުން ބިނާކޮށްފައިވަނީ، އެންމެ މަދުވެގެން 1.1 މިލިއަން ފަތުރުވެރިން (މިދިޔަ އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދި 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 65 އިންސައްތައާ އެއްވަރުގެ އަދަދެއް) މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަތުރުކުރުން އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ ވަރަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އެއްވަރެއްގައި ކުރިއަރައި، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ގައި އިއާދަވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ފަގީރުންގެ ނިސްބަތް މި ހިނގާ 2021 ވަނަ އަހަރު 9.1 އިންސައްތައަށް ދަށަށް ގޮސް، އަންނަ އަހަރު އެ ނިސްބަތް 4.3 އިންސައްތައަށް ވެއްޓޭނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

"ރާއްޖެ އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިޡާ އިން އަރައިގަތުމުގެ މަގުމަތީގައި. ނަމަވެސް، މީގެ ކުރިން ކުރިމަތި ނުވާ ވަރުގެ މި ބޮޑު އިގްތިސާދީ ކާރިޡާ އިން އަރައިގަންނައިރު ކުރިއަށް ވުރެ ރަނގަޅަށް އަދި ކާރިޡާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މާލިއްޔަތު ބެލެހެއްޓުން ހަރުދަނާކުރުމުގެ ތެރެއިން ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށާއި އިގްތިސާދު ފުޅާކުރުމަށާއި އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދޭން ޖެހޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

 

ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޮވިޑް-19ގެ ކާރިޡާގެ ތެރޭގައި ބާރުވެފަ އެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ކަމަށް 2019ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށްޓަކައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތު ބައްޓަންކުރުމުގަ އާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހެ އެވެ. ހަމަ އެއާއެކު، ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންނަށް ވެސް ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރަން ވެސް ޖެހެ އެވެ.

"ތަކެތި އުފެއްދުމާ ގުޅުންހުރި ސިނާއަތްތަކަށް ވަނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުން ހިދުމަތްތައް، ހާއްސަކޮށް ފަތުރުވެރިކަމާއި ވިޔަފާރި ހިންގުމާ ގުޅުންހުރި ހިދުމަތްތައް، އެކްސްޕޯޓުކޮށްގެން އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ވުރެ މި ދާއިރާގައި ކުރި ހޯދުމުގެ ފުރުސަތު ބޮޑު،" ވާލްޑް ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޗީފް އިކޮނޮމިސްޓް ހޭންސް ޓިމާ ވިދާޅުވި އެވެ. "ހިދުމަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ކުރިއެރުމުގެ ފައިދާ އެންމެ އެކަށޭނެ ގޮތުގައި ނެގުމަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުން ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، އުފެއްދުންތެރި ހިޔާލުތަކާއި ވާދަވެރިކަން ކުރިއަރުވާނެ މުއައްސަސާތައް ގާއިމްކުރަން ޖެހޭ."


Contact

މާލޭގައި:-
ޝާދިޔާ އާދަމް
+960 9955580
sadam1@worldbank.org
ކޮލަމްބޯގައި:-
ދިލިނީކާ ޕީރިސް
+94 (011) 5561347
dpeiris@worldbank.org
ވޮޝިންޓަންގައި
ޑަޔާނާ ޗަންގް
(202) 473-8357
dchung1@worldbank.org