Skip to Main Navigation
ނޫސްބަޔާން 2020 Jun 30

ވާލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފި

 

ވޮޝިންޓަން، ޖުލައި 1، 2020 – ވާލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރުގެ މަޤާމާ މިއަދުން ފެށިގެން ފާރިސް ހަދާދު-ޒާވޮސް ހަވާލުވެވަޑައިގެންފި އެވެ. ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ތިން ޤައުމުގެ ސަރަހައްދީ އޮފީހުގައި ހުންނަވައިގެން، އޭނާ މަސައްކަތްކުރައްވަމުން ގެންދަވާނީ ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާގައި ހިންގޭ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫޢުތަކަށް ވާލްޑް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވުމުގަ އެވެ.

ކަންޓްރީ ޑިރެކްޓަރު ކަމަށް ހަދާދު-ޒާވޮސް އައްޔަންކުރެވިފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އައިޑާ ސްވަރާއީ-ރިޑިހޯ ވާލްޑް ބޭންކްގެ އެހެން މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ހަދާދު-ޒާވޮސް މީގެ ކުރިން ހުންނެވީ ވާލްޑް ބޭންކުން ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރުގެ މަޤާމުގަ އެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަދާދު-ޒާވޮސް ވާލްޑް ބޭންކާ ގުޅިވަޑައިގަތީ 1996 ވަނަ އަހަރު އެވެ. މެލޭޝިއާ އަދި ބޮލީވިއާގައި ކަންޓްރީ މެނޭޖަރުކަން ކުރެއްވުމުގެ އިތުރަށް، އޭނާ ފުރުއްވާފައިވާ އެހެނިހެން މަޤާމުތަކުގެ ތެރޭގައި: ގަލްފްގެ ޤައުމުތަކާ އެކު ކުރިއަށްގެންދެވޭ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ މެނޭޖަރުކަން، އިރާގުގެ ހެޑް އޮފް މިޝަން، އަދި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހުންނަވާ އޮޕަރޭޝަންސް މެނޭޖަރުކަން ހިމެނެ އެވެ.

ހަދާދު-ޒާވޮސް ކަންޓްރީ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވިފައި މިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރު މުއްދަތުގަ އާއި ދިގު ރާސްތާގައި ކުރިމަތިވަމުންދާ ޞިއްޙީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި ތިން ޤައުމުގެ ސަރުކާރުންވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ޤައުމްތަކުން މަސައްކަތްކުރަމުން އަންނައިރު، ރައްޔިތުންގެ ފުރާނަ އާއި ދިރިއުޅުން ރައްކާތެރިކޮށް، އިޤްތިޞާދު ކޮޅަށްޖެހުމުގައި އެހީތެރިވުން ކޮންމެހެން މުހިންމު،" ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭނީ ވާލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ހިންގޭ މަޝްރޫޢުތައް މެދުވެރިކޮށް، ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ޞިއްޙީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ކުޑަކޮށް، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއިއެކު، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުން ކަށަވަރުކުރުމަށް. އެގޮތުން، ސަރުކާރުތަކާއި، ތަރައްޤީގެ ބައިވެރިންނާއި، އަމިއްލަ ފަރާތްތަކާއި، އަދި މަދަނީ ޖަމްޢިއްޔާތަކާއިއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަން."

 

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރަށް، މިފަދަ ކާރިޡާއަކަށް ޢާންމު ޞިއްޙަތުގެ ނިޒާމް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި، ކުއްލި ޙާލަތުގައި ފޯރުކޮށްދެވޭ އެހީގެ ދަށުން ޖުމްލަ 350 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކުރެވޭ މަޝްރޫޢުތަކެއް މެދުވެރިކޮށް ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާގެ ސަރުކާރުތަކަށް ވާލްޑް ބޭންކުން އަންނަނީ އެހީތެރިވަމުންނެވެ.

###

މީޑިއާ އަށް ދެވޭ މަޢުލޫމާތު:

ދިވެހިރާއްޖެ: ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ ރާއްޖެ އަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަންގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީ އަދި 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއްވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ. ހަމަ އެއާއިއެކު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި ހިންގޭ 12.8 މިލިއަން ޑޮލަރުގެ މަޝްރޫޢެއްވެސް ދާދި ފަހުން ވަނީ ފާސްކުރެވިފަ އެވެ. ވާލްޑް ބޭންކުން ރާއްޖޭގައި 9 މަޝްރޫޢެއް މިހާރު ހިންގަމުން އަންނައިރު، އެ މަޝްރޫޢޫތަކަށް ޖުމްލަ 140.6 މިލިއަން ޑޮލަރު އަދި އައިޑީއޭ ގެރެންޓީ/ޓްރަސްޓް ފަންޑަކުން ހޭދަކުރެވޭނެ އެވެ.

ނޭޕާލް: ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވޯލްޑް ބޭންކުން ދަނީ 29 މިލިއަން ޑޮލަރުގެ މަޝްރޫޢެއް މެދުވެރިކޮށް ނޭޕާލްގެ ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ނޭޕާލްގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ ފައިސާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވާ ކަންކަމަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ކޮވިޑް-19 ގެ ކާރިޡާއާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި، އެ ކާރިޡާ އިން އަރައިގަތުމަށާއި، ސިޔާސަތުތައް ބައްޓަންކުރުމާއި، އަދި ކުރިމަގުގައި ކުރިމަތިވެދާނެ ކާރިޡާއަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމުގެ މައްޗަށް ބިނާކޮށް ޕްލޭނެއް އެކުލަވާލުމުގައި ނޭޕާލް ސަރުކާރަށް މަޝްވަރާދޭ ޕެނަލެއްގައިވެސް، އެހެނިހެން ބައިނަލްއަޤްވާމީ ތަރައްޤީގެ ބައިވެރިންނާއިއެކު ވާލްޑް ބޭންކުން ބައިވެރިވެ އެވެ. މުހިންމު ދާއިރާތައް ކަމަށްވާ އުމްރާނީ ތަރައްޤީ، އިންސާނީ ވަޞީލަތް ބިނާކުރުން، މާލިއްޔަތު އަދި ސިޔާސަތުތައް އެކަށައެޅުން ހިމެނޭ ގޮތުން ވާލްޑް ބޭންކުން ނޭޕާލްގައި 25 މަޝްރޫޢެއް މިހާރު ހިންގަމުން އަންނައިރު، އެ މަޝްރޫޢޫތަކަށް ޖުމްލަ 3 ބިލިއަން ޑޮލަރު ހޭދަކުރެވޭނެ އެވެ.

ސްރީ ލަންކާ: ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރަށް، މިފަދަ ކާރިޡާއަކަށް ޢާންމު ޞިއްޙަތުގެ ނިޒާމް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި 215 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް މެދުވެރިކޮށް ވާލްޑް ބޭންކުން ދަނީ ސްރީ ލަންކާ ސަރުކާރަށް އެހީތެރިވަމުންނެވެ. މީގެ ތެރޭގައި، އިޤްތިޞާދު އަލުން ހުޅުވާލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާ މިންވަރު ވަރުގަދަ ކުރުމަށްޓަކައި ދެވޭ 87.24 މިލިއަން ޑޮލަރުވެސް ހިމެނެ އެވެ. ދަތުރުފަތުރު، އުމްރާނީ ތަރައްޤީ، ފެނުގެ ނިޒާމް، ތަޢުލީމް އަދި ޞިއްޙަތު ފަދަ މުހިންމު ދާއިރާތައް ހިމެނޭ ގޮތުން ވާލްޑް ބޭންކުން ސްރީ ލަންކާގައި 20 މަޝްރޫޢެއް ހިންގަމުންދެ އެވެ. އެ މަޝްރޫޢޫތަކަށް ޖުމްލަ 2.3 ބިލިއަން ޑޮލަރު ހޭދަކުރެވޭނެ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކް ގްރޫޕުން ދެމުންގެންދާ އެހީތެރިކަން

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް އިދާރާ ކަމަށްވާ ވާލްޑް ބޭންކް ގްރޫޕުން އަންނަނީ، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ތަރައްޤީވަމުން އަންނަ ވަރަށް ފުޅާދާއިރާއެއްގައި އަދި އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޞިއްހީ ދާއިރާ އަށް އެހީތެރިވުމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ވެސް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަޤީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިޤްތިޞާދު ކޮޅަށް ޖެހުމެވެ. މީގެ ތެރޭގައި، ހިލޭ އެހީ އާއި ލުއި ގޮތްތަކެއްގެ މަތިން ދޫކުރެވޭ ލޯނު ހިމެނޭ ގޮތަށް، އައިޑީއޭ އިން ފޯރުވައިދޭ އިތުރު 50 ބިލިއަން ޑޮލަރުވެސް ހިމެނެ އެވެ.


ގުޅުއްވުމަށް

ކޮލަމްބޯގައި
ދިލިނީކާ ޕީރިސް
dpeiris@worldbank.org
ވޮޝިންޓަންގައި
ޔާން ޑޮއިނަން
ydoignon@worldbank.org